މި ސައިޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިޔަށް ދަނީ

ފްލައިޓް ޝެޑިއުލް ލައިވް

ފަހުގެ ލިޔުންތައް

މިއަދު ބާއްވަން އުޅުނު ޕީ.ޕީ.އެމްގެ އިސްދޫ ޕްރައިމެރީ ބާޠިލުކޮށްފި

Wednesday, December 4, 2013 | 11:48 AM

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ރަށުކައުންސިލަށް ކުރިމަތިލާނެ މީހުން ކަނޑައެޅުމަށްބާއްވާ ޕްރައިމަރީ މިއަދު މެންދުރު 13:00 ގައި ބާއްވާގޮތަށް އެޕާޓީއިން ކަނޑައަޅާފައިވަނިކޮށް ކުއްލިއަކަށް ޕްރައިމެރީ ނުބާއްވާގޮތަށް ހަމަޖައްސައިފިއެވެ. އެޕާޓީގެ އިސްދޫ ގޮފީގެފަރާރުން މިސައިޓަށް މަޢުލޫމާތުދެއްވި އޮފިޝަލަކު މިއަދު ވިދާޅުވީ، މިގަޮތަށް ހަމަޖެއްސިކަމަށްވަނީ އިސްދޫގައި ހިމެނޭކަލައިދޫ އަކީ ވަކި ރަށެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން އިންތިޒާމު ކުރަންޖެހޭ ކަންތައް ތަކެއް ހުރުމުން ކަމަށެވެ. މިފަހަރުގެ ޕްރައިމަރީގައި 5 މީހަކު ވާދަކުރެއެވެ. އެއީ. 1. ޔޫސުފް ޢުމަރު، ބީޗްހައުސް، 2. އަޙްމަދު ފައިސައިލް، މާފޮޅޭވިލާ، 3. އިބްރާހީމް ޢަލީ، މީރޫޒް، 4. މުޙައްމަދު މައުސޫމް، ޒުނޯރިޔާ، 5. އައިމިނަތު އަޙްމީލާ، އޯކިޑްމާގެ އެވެ.

ޕީ.ޕީ.އެމް އިސްދޫ ޕްރައިމަރީ މިއަދު ބާއްވަނީ

Tuesday, December 3, 2013 | 11:22 PM

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވްޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ފަރާތުން ރަށުކައުންސިލަށް ކުރިމަތިލާނެ މީހުން ކަނޑައެޅުމަށްބާއްވާ ޕްރައިމަރީ މިއަދު މެންދުރު 13:00 ގައި ބާއްވާގޮތަށް އެޕާޓީއިން ކަނޑައަޅާފައިވާކަމަށް އެޕާޓީގެ އިސްދޫ ގޮފީގެފަރާރުން މިސައިޓަށް މަޢުލޫމާތުދެއްވި އޮފިޝަލަކު މިއަދު ވިދާޅުވެއްޖެއެވެ. މިފަހަރުގެ ޕްރައިމަރީގައި 5 މީހަކު ވާދަކުރެއެވެ. އެއީ. 1. ޔޫސުފް ޢުމަރު، ބީޗްހައުސް، 2. އަޙްމަދު ފައިސައިލް، މާފޮޅޭވިލާ، 3. އިބްރާހީމް ޢަލީ، މީރޫޒް، 4. މުޙައްމަދު މައުސޫމް، ޒުނޯރިޔާ، 5. އައިމިނަތު އަޙްމީލާ، އޯކިޑްމާގެ އެވެ. އެޕާޓީގެ ފަރާތުން މިފަހަރުގެ ޕްރައިމަރީގައި 2 މީހުން ނެގުމަށް ވަނީ ނިންމާފައެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން އެއް ފުރުޞަތު ޖުމްހޫރީ ޕާޓީއަށް ދީފައިވާއިރު އަނެއް ދެފުރުޞަތުދީފައިވަނީ ކައިދޫ އަވަށަށެވެ. ނަމަވެސް ރައީސް ޔާމީންގެ ޤަރާރަކުން ކަލައިދޫއަކީ ވަކި ރަށެއްގެ ގޮތުގައި އިއްޔެވަނީ ހަމަޖައްސާފައެވެ. އެހެންކަމުން އެ ޕާޓީއިންވެސް އަދި އެހެންޕާޓީތަކުންވެސް އަލުން ޕްރައިމަރީ ބާއްވާނެކަމަށް މިހާރުވަނީ ބެލެވިފައެވެ.

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 9

`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 


11 އޭޕްރީލް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ނުވަވަނަ ޖަލްސާގެ ޔައުމިއްޔާ

2011 އޭޕްރީލް 11 ވަނަދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ނުވަވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ކައުންސިލްގެ ރައީސް އިބްރާހީމް އަނީސެވެ. އަތޮޅުކައުންސިލް ހުރިހައިމެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވުމާއިއެކު ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާއި އެޖެންޑާ އިއްވުމަށްފަހު އެޖެންޑާއަށް އިސްލާޙް ގެނައުމުގެ ފުރުޞަތު ރިޔާސަތުން ހުޅުވާލެއްވިއެވެ. އެއައްފަހު އެއްވެސް އިސްލާޙެއް ހުށަހަޅުއްވާފައި ނުވުމުން އެއްވެސް އިސްލާހަކާއިނުލާ ޖަލްސާގެ އެޖެންޑާ ފާސްކޮށް  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ. ޕްރޮޖެކްޓް އޮފިސަރ ޙުސައިން ރަފީއުއާއި، އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީއެވެ. 9:00 ގައި ފެށުނު މިޖަލްސާ ނިމުނީ 10:25 ގައެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 7 މައްސަލައެވެ.

1-    ލާންޗް ބޭނުން ކުރުމުގެ ޤަވާއިދު ފާސްކުރުން.

ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދުގެ ޑްރާފްޓަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން ފުރުޞަތު ހުޅުވާލުމުން މެމްބަރުންގެމެދުގައި މަޝްވަރާކުރެވި ޤަވާއިދު އެކުލަވާލި ކޮމިޓީން މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވިއެވެ.

 8 ވަނަ މާއްދާގައި "ސުކޫލްގެ ޕީޓީއޭއިން ރާވައިގެންކުރާ ދަތުރުގެ އަގުން %25 ޑިސްކައުންޓް ދެވިދާނެކަމަށް ބަޔާންކޮށްފައި އޮތުމުން އެއީ ބޮޑުއަދަދެއްކަމަށް ކައުންސިލްގެ ނައިބްރައީސް ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ފާއިދުވިދާޅުވުމުން ޑްރާފްޓް އެކުލަވާލިކޮމިޓީގެ ފަރާތުން ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް ވިދާޅުވީ ޑިސްކައުންޓް %30 އަށްވެސް ހެދިދާނެކަމަށާއި ނަމަވެސް %30 ޑިސްކައުންޓް ދިނުމުން ދަތުރުން އެއްވެސް ފައިދާއެއް ނުވާނެތީވެ، %5 ފައިދާ ކައުންސިލަށްވާގޮތަށް %25 ޑިސްކައުންޓްގެ ގޮތުގައި ކަނޑައަޅާފައި އޮތީކަމަށެވެ.

13 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ނޯޓިކަލް މޭލަކަށް 120 ރުފިޔާ ވުމުން އަގުބޮޑުކަމަށް އިސްދޫދާއިރާގެ މެމްބަރު  އިބްރާހިމް ޙަމީދު ފާހަގަކުރެއްވުމުން ޤަވާއިދު އެކުލަވާލި ކޮމިޓީގެ ފަރާތުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އަގު ކަނޑައަޅާފައި އެވަނީ މިހާރު މިސަރަހައްދުގައި ލާންޗް ދަތުރުކޮށްދޭ ފަރާތްތަކުގެ ތެރެއިން ދެ ފަރާތެއްގެ އަގުބެލުމަށްފަހުގައި ކަމަށާއި، އެފަރާތްތަކުގެ އަގު އުޅެނީ ނޯޓިކަލް މޭލަކަށް 125 ރުފިޔާ އަދި 130 ރުފިޔާކަމަށް ވިދާޅުވިއެވެ.

ލާންޗް ކުއްޔަށް ދޫކުރުމާ ބެހޭ ޤަވާޢިދުގެ ފުރަތަމަ ބައިގެ ގޮތުގައި ތަޢާރަފެއް ހިމަނާ ލާންޗް ކުއްޔަށް ދޫކުރުމާބެހޭ ޤަވާޢިދުގެ ފުރަތަމަ ބައިގެ ނުވަތަ ތަޢާރަފްގެ ފަހަތުން މަޤުޞަދު ހިމެނުމަށް ޤަވާއިދުއެކުލަވާލި ކޮމިޓީގެ ފަރާތުން އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަމީދު ހުށަހެޅުއްވިއެވެ.

"ތަޢާރަފް:

މިޤަވާޢިދަކީ ހައްދުންމަތީ އަތޮޅުކައުންސިލްގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދެވެ. މިޤަވާއިދު އެކުލަވާލާ ފާސްކޮށްފައި މިވަނީ 11 އޭޕްރީލް 2011 ގައި ބޭއްވި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ނުވަވަނަ  ބައްދަލުމުގައެވެ. މިޤަވާޢިދަށް ކިޔާނީ "ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ޤަވާޢިދު" އެވެ.

މަޤުޞަދު:

މިޤަވާޢިދުގެ މަޤުޞަދަކީ ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލާންޗް އާންމު ފަރާތްތަކަށް ހަމަހަމަ އުޞޫލަކުން ލިބޭނެގޮތް ކަނޑައެޅުމާއި، އަތޮޅު ކައުންސިލްގެ މާލިއްޔަތު މުއްސަނދި ކުރުމަށާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކަށް ލުއިގޮތްތަކެއްގައި ދަތުރު ކުރެވޭނެ މަގުފަހިކޮށްދިނުމާއި، ކުއްލިޙާލަތްތަކުގައި  ފައިދާއެއް ނެގުމަކާއިނުލާ ދަތުރު ކޮއްދެވޭނެ އިންތިޒާމް  ހަމަޖައްސާ ޢަމަލު ކުރާނެ އުސޫލުތަކާއި ގޮތްތަކެއް ކަނޑައެޅުމެވެ."

މިހުށަހެޅުއްވުމަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވުމުން ޤަވާއިދަށް އިސްލާހުގެންނަންފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން ހުރިހައި މެމްބަރުންގެ އިއްތިފާޤުން އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަމީދު ހުށަހަޅުއްވައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވިގޮތަށް ފާސްކުރެވުނެވެ.

އަށްވަނަ ބައްދަލުވުމުގައި ޤަވާއިދަށް ގެނެވުނު އިސްލާހުތަކާއިއެކު، އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޙަމީދު ހުށަހަޅުއްވައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކޮށް ފާސްކުރެވުނުގޮތަށް ޤަވާއިދު ފާސްކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން ހުރިހައި މެމްބަރުންގެ އިއްތިފާޤުން ޤަވާއިދު ފާސްކުރެވުނެވެ.


2-    ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން މަޝްވަރާކުރުން.

ޖަލްސާގެ އެޖެންޑާގެ ދެވަނަ ނަންބަރުގައިވާ ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން މަޝްވަރާކުރުން އަތޮޅުވެރިޔާގެ އެހީތެރިޔާ އަލްފާޟިލާ ޢިއްމުންނިސާގެ ޙާޟިރުގައި އެކަމާއިގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި ފަސްކުރުމަށްފަހު އެޖެންޑާގެ ނަންބަރު 3 ގައިވާ މަސައްކަތާއިގެން ޖަލްސާ ކުރިއަށް ގެންދެވިއެވެ.


3-    ކައުންސިލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއް ކަނޑައެޅުން.

ސިވިލްސަރވިސް ކޮމިޝަނުން ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާއަށް އެކުލަވާލާފައިވާ އޮނިގަނޑުގައި ބިއުރޯއެއްގެ މަޤާމު އޮތުމުން އެއީ މީޑިއާއަށް މަޢުލޫމާތު ދެއްވާނޭ ފަރާތް ނޫންތޯ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ސުވާލުކުރެއްވުމުން ޒިންމާދާރުވެރިޔާ މުޙައްމަދު ޖަމީލް ވިދާޅުވީ ބިއުރޯގެ މަސައްކަތަކީ ޕާސަނަލް އެސިސްޓެންޓްގެ މަސައްކަތްކަމަށާއި، އެފަރާތުގެ މަސައްކަތުގެ ތެރޭގައި މީޑިއާއި އެއްވެސް ގުޅުމެއް ނޯންނާނެކަމަށް ވިދާޅުވިއެވެ. މީޑިއާއަށް މަޢުލޫމާތު ދޭނެ ފަރާތެއްކަމަށް ދެބޭފުޅެއްގެނަން ޖަލްސާއަށް ހުށަހެޅުނެވެ. މިގޮތުން ފުރަތަމަ މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ ހުށަހެޅުއްވީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދުގެ ނަމެވެ.  މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ މިހުށަހެޅުއްވުމަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވިއެވެ. ދެވަނައަށް މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒު ހުށަހެޅުއްވީ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދުގެ ނަމެވެ. ނަމަވެސް އެއްވެސް މެމްބަރަކު މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒު ހުށަހެޅުއްވުމަށް ތާޢީދުކޮށްފައި ނުވާތީ، މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ ހުށަހަޅުއްވައި އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ތާޢީދުކުރެއްވިގޮތަށް ކައުންސިލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތެއްކަމަށް އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދުގެ ނަން ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން 05 މެމްބަރުންނަށް ފެންނަކަމަށް ވޯޓް ދެއްވުމުން ކައުންސިލްގެ ފަރާތުން މީޑިއާއަށް މަޢުލޫމާތު ދެއްވާނެ ފަރާތަކީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ކަމަށް ފާސްކުރެވުނެވެ.

•    ޖަލްސާގެ އެޖެންޑާގެ 2 ވަނަ ނަންބަރުގައިވާ ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން މަޝްވަރާކުރުން.

ޓްރަސްޓް ފަންޑް ހުޅުވުމަށް ބޭނުންވާ ސަސަބަކީ ކޮބައިތޯ ކައުންސިލްގެ ފަރާތުން އަތޮޅުވެރިޔާގެ އެހީތެރިޔާ އިލްމުންނިސާ ކުރެން އެއްސެވުމުން ޓްރަސްޓް ފަންޑެއް ހުޅުވުމުގެ ބޭނުމާއި ސަބަބަކީ ސަރުކާރުން އެކައުންޓްތައް ފްރީޒްކޮށް އަތޮޅު ރައްޔިތުންގެ މާލިއްޔަތުގައި ހުރިފައިސާ ހިފަހައްޓަވާފައިވާތީއެވެ. އެފައިސާ ހޯދުމާއިބެހޭގޮތުން ފިނޭންސް މިނިސްޓްރީއާއި މަޝްވަރާކުރުމުން މިނިސްޓްރީން ވިދާޅުވެފައިވަނީ ޓްރަންސްޓްފަންޑެއް ހުޅުވާ އެކަމަށް އެދުމުން އެފައިސާ ދެއްވާނޭކަމަށެވެ. މީގެކުރިންވެސް އަތޮޅު ރައްޔިތުންގެ މާލިއްޔަތުގެ ގޮތުގައި 05 އެކައުންޓެއް ޓްރަސްޓް ފަންޑްގެ ގޮތުގައި ހުޅުވާފައިވާކަމަށް އަތޮޅުވެރިޔާގެ އެހީތެރިޔާ ވިދާޅުވިއެވެ. އަދި އަތޮޅުގެ މާލިއްޔަތަށް ފައިސާ ލިބެންޖެހޭ ތަންތަނުގެ ތެރެއިން ބައެއްތަންތަނުން ފައިސާ ލިބެމުންނުދާކަން އަތޮޅުވެރިޔާގެ އެހީތެރިޔާ ފާހަގަކުރެއްވިއެވެ. ޓްރަސްޓް ފަންޑްހުޅުވުމުގެ ބޭނުމާއި ބެހޭގޮތުން މެމްބަރުންނަށް ބޭނުންފުޅުވާ މަޢުލޫމާތުތަށް ލިބުމާއިގުޅިގެން ޓްރަސްޓްފަންޑް ހުޅުވުމާއިބެހޭގޮތުން ރިޔާސަތުން ވޯޓަށް އެއްސެވުމުން ހުރިހައި މެމްބަރުންގެ އިއްތިފާގުން ޓްރަސްޓް ފަންޑް ހުޅުވުމަށް ފާސްކުރެވުނެވެ.

4-    ޖަލްސާގެ އެޖެންޑާގެ 4 އަދި 6 ވަނަ ނަންބަރުގައިވާ ގުޅިފައިވާ ރަށްތަކާއި، ބިންބޮޑެތި ރަށްތަކުގައި ބަސްދަތުރު ޚިދުމަތް ދިނުމަށާއި ބެހޭގޮތުން މަޝްވަރާކުރުމާއި، ފެރީޚިދުމަތް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން މަޝްވަރާކުރުން.

މިދެނަންބަރުގައިވާ ކަންކަމާއިބެހޭގޮތުން މެމްބަރުންގެ މެދުގައި މިކަމާއިމެދު ކުރެވިދާނެ ގިނަގުނަ ކަންކަމާއިމެދު މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ސަރުކާރުން ދޯނިސަރވިސްއާއި ދަތުރުފަތުރުގެ ކަންކަން ޙަވާލުކޮށްފައިވަނީ އެއްގަމާއި ކަނޑުގެ ދަތުރުފަތުރު ހިމެނޭގޮތަށްކަމުގައިވާތީ، ދޯނިސަރވިސްގެ އެގްރީމެންޓް ބަލާހެދުމަށްފަހު ސަރުކާރުގެ ކަމާބެހޭފަރާތްތަކަށް ހުށަހަޅުއްވައިގެން މިޚިދުމަތް ޙަރުދަނާކުރުމަށް މަސައްކަތް ކުރުމަށެވެ. އަދި މިއެގްރީމެންޓް ހޯދުމަށްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގައި ދެންނެވުމަށެވެ. 

5-    އަތޮޅުގެ އެކި ހިސާބުތަކުގައި ދަތުރުވެރިންގެ ލުއިފަސޭހައަށް ޖަހާފައިވާ ދުރަށް އަލިފޮނުވައިދޭ ބައްތިތައް ނުދިއްލޭ މައްސަލައާއި ބެހޭގޮތުން ގޮތެއް ނިންމުން.

މިކަމުގައި ކައުންސިލުން ވަކިގޮތެއް ނުނިންމޭނެކަމަށާއި، ނަމަވެސް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ކަމާބެހޭ ވުޒާރާގައި ޓްރާސްޕޯޓް މިނިސްޓްރީގައި ސިޓީއަކުން ދެންނެވުމަށް ރިޔާސަތުން ނިންމެވިއެވެ.

6-    އެޖެންޑާގެ 7 ވަނަ ނަންބަރުގައިވާ އަތޮޅު ކައުންސިލްގެ 8 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

މަޢުލޫމާތު ހިއްސާކުރެވުނު ކަންތައްތައް:

1-    ކީރިތިޤުރުއާނުގެ ދިވެހިތަރުޖަމާ ބޭނުންފުޅުވާ ފަރާތްތަކަށް ތަރުޖަމާ ބެހުމަށްޓަކައި އިސްލާހުކުރެވިފައިވާ ކަރުދާސްކޮޅުތައް ހޯދުމަށްފަހު ކޮންމެރަށަކަށްވެސް އެރަށެއްގެ ގޭބީސީއަކަށް ތަރުޖަމާއެއްގެ ނިސްބަތުން ފޮނުވާ ބާކީބައި ސްކޫލްތަކަށާއި، މިސްކިތްތަކަށް ލުމަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ.

2-    އަތޮޅު ޤުރުޢާން މުބާރާތް ބޭއްވުމަށްޓަކައި އެއްވެސް ފަރާތަކުން ޝަޢުގުވެރިކަން ފާޅުކޮށްފައިނުވާތީ، އެމުބާރާތް ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުމަށް ނިންމަވާ އެކަމަށް ސުކޫލުގައި އެދިފައިވާނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަން އެންމެ އިސްކޮށް ވިލަރެސް ކުރައްވާނީ އިސްދޫ ދާއިރާގެ މެމްބަރު އަދި އިސްލާމިކް އެފެއާޒްގެ ކަންތައްތަކާއި ޙަވާލުވެވަޑައިގެންނެވި އިބްރާހިމް ހަމީދުކަމަށްވެސް ރިޔާސަތުން ވިދާޅުވެލެއްވިއެވެ.

3-    ރަށްރަށުގެ ރަށުކައުންސިލްތަކަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު"އާއި އެއްގޮތަށް މަސައްކަތްތައް ކުރުމަށް އެންގުމަށް މެމްބަރުން މަޝްވާރކުރެއްވިއެވެ.



                                           އިބްރާހީމް އަނީސް
                                            ކައުންސިލްގެ ރައީސް

  ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި މެމްބަރުން


•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު (ނައިބްރައީސް)    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ    •   

•    ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު    •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އިބްރާހިމް ހަމީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އަޙްމަދު އާޞިފް    •   

އިސްދު އާއި ކަލައިދޫގެ ކައުންސިލް އިންތިހާބު އަލުން އިއުލާން ކުރާނެ: އިލެކްޝަންސް

ލ. އިސްދޫގެ ދެ އަވަށް ކަމުގައިވާ އިސްދު އާއި ކަލައިދޫ ވަކި ދެ ރަށެއްގެ ގޮތުގައި ހަމަޖެއްސުމުން، އެ ދެ ރަށުގެ ކައުންސިލަށް ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަންގެ މެމްބަރު އަލީ މުހައްމަދު މަނިކު "ހަވީރަ"ށް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ބުނެފައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރަކަށް ވާތީ، ރަށެއް އުފައްދައިފި ނަމަ އެ ރަށެއްގެ ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އިސްދު އާއި ކަލައިދޫ، ދެ ރަށެއްގެ ގޮތުގައި ހަމަޖެއްސީ ޖެނުއަރީ 18ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނިކޮށެވެ. އެހެންވެ އެ ދެ ރަށުގެ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމާ ބެހޭ ގޮތުން ކޮމިޝަންގައި މިއަދު މަޝްވަރާކުރާނެ ކަމަށް މަނިކު ވިދާޅުވި އެވެ.

ކުރިން އެއީ ދެ އަވަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުކޮށްފައި ވަނީ އެއް ރަށެއްގެ ގޮތުގައި ބަލައިގެންނެވެ.

"މިހާރު ކައުންސިލު އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހު އަށަކަށް ހަމަވާނެ. ނަމަވެސް އިސްދޫ އަދި ކަލައިދޫ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު އެއަށް ވުރެ އިތުރުކުރަން ޖެހޭނެ،" މަނިކު ވިދާޅުވި އެވެ.

ކައުންސިލްތައް 2011 ގައި އުފެއްދުމުގެ ކުރިން އިސްދު އާއި ކަލައިދޫ އަވަށުގައި ދެ އޮފީސް ހުރެ އެވެ. ނަމަވެސް އޭގެ ފަހުން އެ ރަށުގެ ދެ އަވަށް އެއްކޮށްލައި އެއް ކައުންސިލެއްގެ ދަށުން ދެ އަވަށް ހިންގަން ފެށި އެވެ.

ލ. އިސްދޫގެ ދެ އަވަށް ވަކި ދެ ރަށެއްގެ ގޮތުގައި ހަމަޖައްސައިފި

    ލ. އިސްދޫގެ ދެ އަވަށް ކަމުގައިވަ އިސްދޫ އަވަށާއި ކަލައިދޫ އަވަށަކީ ވަކި ދެ ރަށެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ކަނޑައަޅުއްވައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން 14 އޮކްޓޫބަރު 2010 ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ލިސްޓަށް، ރައީސުލްޖުމްހޫރިއްޔާގެ ގަރާރަށް ގެންނެވި އިސްލާހަކުންނެވެ.

ކައުންސިލްތައް 2011 ގައި އުފެއްދުމުގެ ކުރިން އިސްދޫ އާއި ކަލައިދޫ އަވަށުގައި ދެ އޮފީސް ހުރެ އެވެ. ނަމަވެސް އޭގެ ފަހުން އެ ރަށުގެ ދެ އަވަށް އެއްކޮށްލައި އެއް ކައުންސިލެއްގެ ދަށުން ދެ އަވަށް ހިންގަން ފެށި އެވެ.
އިސްދޫގައި ގާތްގަނޑަކަށް 1،800 މީހުން ދިރިއުޅޭއިރު، ކަލައިދޫގައި ދިރިއުޅެނީ 1،000 މީހުންނެވެ.

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 8

Sunday, December 1, 2013 | 11:21 PM

`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 



04 އޭޕްރީލް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ އަށްވަނަ ޖަލްސާގެ ޔައުމިއްޔާ


2011 އޭޕްރީލް 04 ވަނަދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ އަށްވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ ކައުންސިލްގެ ރައީސް އިބްރާހީމް އަނީސެވެ. އަތޮޅުކައުންސިލް ހުރިހައިމެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެވަޑައިގެން ތިއްބެވުމާއިއެކު ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާއި އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު އެއްވެސް އިސްލާހަކާއިނުލާ ޖަލްސާގެ އެޖެންޑާ ފާސްކޮށް  އެޖެންޑާކުރެވިފައިވާ ކަންތައްތަކާއި މަޝްވަރާކުރެވުނެވެ. ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ. ޕްރޮޖެކްޓް އޮފިސަރ ޙުސައިން ރަފީއުއާއި، އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީއެވެ. 9:00 ގައި ފެށުނު މިޖަލްސާ ނިމުނީ 10:32 ގައެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 5 މައްސަލައެވެ.

1-    ލާންޗް ބޭނުން ކުރުމުގެ ޤަވާއިދު ފާސްކުރުން.

ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދުގެ ޑްރާފްޓަށް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެޑްރާފްޓަށް ތިރީގައި މިވާގޮތުގެ މަތިން އިސްލާހުތައް ހުށަހެޅިގެން ދިޔައެވެ.

ޤަވާއިދުގައި ޚިދުމަތް ހޯއްދަވާ ފަރާތްތަކުން ނަގާނެ އަގުތައް ކަނޑައެޅިފައި ނެތްކަމަށް ކައުންސިލްގެ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ވިދާޅުވުމުން، މިޤަވާއިދު އެކުލަވާލި ކޮމިޓީން އަގުތައް ކަނޑައަޅަން ނިންމަވާފައިވަނީ ކައުންސިލްގެ ޖަލްސާއެއްގައި އެންމެހައި މެމްބަރުން މަޝްވަރާކުރުމަށްފަހުގައި ކަމަށް ކޮމިޓީގެ މެމްބަރުންނަށް ވެނިވަޑައިގަންނަވާތީ އެކަން އެގޮތަށް ކުރައްވާފައިވަނީކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު"ގެ 08 ވަނަ ނަންބަރުގެ ފަހަތަށް 09 ވަނަ ނަންބަރުގެ ގޮތުގައި "ލާންޗް މަރާމާތުކުރަންޖެހޭ ޙާލަތްތަކުގައި މަރާމާތުކުރުމުގެ މަސައްކަތް މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާގޮތުގެމަތިން ކުރިއަށްގެންދިޔުން" އަދި 10 ވަނަ ނަންބަރުގެ ގޮތުގައި "ތެޔޮބަދަލުކުރުމުގެ ކަންތައް އިންޖީނުގެ އޮޕަރޭޓިންގ މެނިއުލްގައިވާ ގޮތުގެމަތިން ޤަވާއިދުންކުރުން" އިތުރުކޮށް ޑްރާފްޓްކުރެވުނު ޤަވާއިދުގެ 09 ވަނަ ނަންބަރުގައިވާ "މިޤަވާއިދުގައި ހިމެނިފައިނުވާ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކައުންސިލުންގެ މަޝްވަރާގެމަތިން ހައްލުކުރަން މަސައްކަތް ކުރަންވާނެއެވެ" ޤަވާއިދުގެ 11 ވަނަ ނަންބަރަށް ބަދަލުކުރުމަށް ރިޔާސަތުން ހުށަހަޅުއްވައި ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާއީލް ތާޢީދުކުރައްވައި ވޯޓަށް އެއްސެވުމުން ކައުންސިލްގެ އިއްތިފާޤުން އެ ދެ މާއްދާ އިތުރުކުރުމަށް ފާސްކުރެވުނެވެ.

"ލާންޗްގައި ކުލީދަތުރުކުރާނީ އެކަމަށް ޙަވާލުވެހުންނަ އިދާރީ މުވައްޒަފު ތައްޔާރުކޮށް ލާންޗް ކެޕްޓަނާއި ޙަވާލުކުރެވޭ ދަތުރު ސްލިޕްގައިވާ ގޮތުގެމަތިންނެވެ. ދަތުރުމަތީގައި އުޅެމުން ދަތުރު ރީރޫޓް ކުރުމަށް (ދަތުރުގެ މަންޒިލް ބަދަލުކުރުމަށް) ދަތުރު ކުރާ ފަރާތުން އެދިފިނަމަ އެކަން ކުރާނީ ލާންޗް ކެޕްޓަން އިދާރީ މުވައްޒަފާއި ވާހަކަ ދެއްކުމުން އިދާރީ މުވައްޒަފު އަންގާ ގޮތުގެ މަތީންނެވެ" މިމާއްދާގައި "ދަތުރު ރީރޫޓް ކުރުމަށް" އޮތް އޮތުން އުނިކުރުމަށް ކައުންސިލްގެ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ހުށަހަޅުއްވައި،  އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ތާއީދުކުރެއްވުމުން، ރިޔާސަތުން ވޯޓަށް އައްސަވައި 04 ވޯޓުން އެމާއްދާ "ލާންޗްގައި ކުލީދަތުރުކުރާނީ އެކަމަށް ޙަވާލުވެހުންނަ އިދާރީ މުވައްޒަފު ތައްޔާރުކޮށް ލާންޗް ކެޕްޓަނާއި ޙަވާލުކުރެވޭ ދަތުރު ސްލިޕްގައިވާ ގޮތުގެމަތިންނެވެ. ދަތުރުމަތީގައި އުޅެމުން ދަތުރު މަންޒިލް ބަދަލުކުރުމަށް ދަތުރު ކުރާ ފަރާތުން އެދިފިނަމަ އެކަން ކުރާނީ ލާންޗް ކެޕްޓަން އިދާރީ މުވައްޒަފާއި ވާހަކަ ދެއްކުމުން އިދާރީ މުވައްޒަފު އަންގާ ގޮތުގެ މަތީންނެވެ" މިގޮތަށް ފާސްކުރެވުނެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު"ގެ 03 ވަނަ މާއްދާގައިވާ "ލާންޗަށް ބޭނުންވާ އެންމެހައި ތަކެތި ހޯދަންވާނީ މާލިއްޔަތު ޤަވާއިދާއި ޚިލާފު ނުވާގޮތަށް ލިޔެކިޔުން ފުރިހަމަ ކުރެވިގެންނެވެ. މިގޮތުންވެސް ދަތުރުކުރާންވާނީ ޓްރާންސްޕޯޓްގެ ޤަވާއިދާއި އެއްގޮތަށެވެ." މިމާއްދާގައިވާ މިގޮތުންވެސް ދަތުރުކުރާންވާނީ ޓްރާންސްޕޯޓްގެ ޤަވާއިދާއި އެއްގޮތަށްކަމަށް އޮތްބައި ވަކި މާއްދާއެއްގެ ގޮތުގައި ގެންނަން ފެންނަކަމަށް ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ފާއިދު ހުށަހެޅުއްވުމުން ކައުންސިލްގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރެވި އެޕޮއިންޓަކީ 04 މާއްދާގެ ފަހަތަށް އޮންނަންޖެހޭބައިކަމަށާއި އެއީ ޤަވާއިދު ޑްރާފްޓްކުރެވުނުއިރު ލިޔެވިފައިވާ ލިޔުމުގެ ކުށެއްކަމުގައި ވާތީ، 04 ވަނަ މާއްދާ އޮންނަންޖެހޭނެގޮތަކީ "ލާންޗް ދަތުރުކުރަންވާނީ ސަލާމަތީގޮތުން ލާންޗްގައި ހުންނަންޖެހޭ އެންމެހައި ތަކެތި ފުރިހަމައަށް ލާންޗްގައި ހުރެގެންނެވެ. މިގޮތުންވެސް ދަތުރުކުރަންވާނީ ޓްރާންސްޕޯޓް ޤަވާއިދާއި އެއްގޮތަށެވެ." މިގޮތަށްކަމުގައި ނިންމެވިއެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު"ގެ 01 ވަނަ މާއްދާ "ލާންޗް ކުއްޔަށްހިފަން އެދުމުން ދަތުރުގެ އަގުދޭންވާނީ ފަޅުވެރިންނާއި، ލާންޗް އޮތީ ދަތުރުކުރެވޭ ޙާލަތުގައިތޯ ބަލާ ޗެކް ކުރުމަށްފަހުގައެވެ." މިމާއްދާގައިވާ އަގު ދޭންވާނީ ބަދަލުކުރުމަށްފެންނަކަމަށާއި، ކުއްޔަށް ދޫކުރާ ފަރާތުން އަގުދޭންނުޖެހޭނެތީ އެއިބާރާތް ބަދަލުކުރުމަށް އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު ހުށަހެޅުއްވުމުން، ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އެމާއްދާ ބަދަލުކުރަން ނުފެންނަކަމަށާއި "ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު"ގެ 04 ވަނަ މާއްދާއާއި ޙަވާލާދިނުމުން ފުދޭނެކަމުގައެވެ. މިކަމަށް މެމްބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމެވީ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދުގެ 01 ވަނަ ނަންބަރު " ލާންޗް ކުއްޔަށްހިފަން އެދުމުން ދަތުރުގެ އަގުދޭންވާނީ ފަޅުވެރިންނާއި، ލާންޗް އޮތީ ދަތުރުކުރެވޭ ޙާލަތުގައިތޯ ބަލާ ޗެކް ކުރުމަށްފަހު ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމުގެ ޤަވާއިދުގެ 04 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ." އަދި މިމާއްދާ މިގޮތަށް ބޭއްވުމާއިމެދު ރިޔާސަތުން  ވޯޓަށް އެއްސެވުމުން ކައުންސިލް މެމްބަރުންގެ އިއްތިފާޤުން އެމާއްދާ އެގޮތަށް ފާސްކުރެވުނެވެ.

"ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު"ގެ 05 ވަނަ މާއްދާގައި "އަމިއްލަ ފަރުދުންނާއި، އަމިއްލަ ކުންފުނިތަކަށް، ދަތުރުކޮށްދެވޭނީ ދަތުރުގެ އަގަށްވާ ފައިސާ  ދަތުރުކުރުމުގެ ކުރިން ދެއްކުމަށްފަހުގައެވެ. މިގޮތަށް ދައްކާފައިސާ ބަލައިގެނެވޭނީ ކައުންސިލް އިދާރާގެ ލެޓަރހެޑްގައި ހެދިފައިވާ ބިލަކަށެވެ." މިމާއްދާގައި މިހެން ބަޔާންކުރެވި ޤަވާއިދުގެ 17 މާއްދާގައި "މިޤަވާއިދުގައި ހިމެނިފައިނުވާ ކަމެއްދިމާވެއްޖެނަމަ އެކަމެއް ނިންމާނީ ދަތުރުކުރި ފަރާތާއި މިކައުންސިލުން ވާހަކަދައްކައިގެންނެވެ. މިގޮތުންވެސް އެމައްސަލައެއް ހައްލުނުވެއްޖެނަމަ އެކަމެއް ހައްލުކުރާނީ ޝަރީޢަތް މެދުވެރިކޮށެވެ." މިގޮތަށް ޤަވާއިދުގައި އޮތުމުން މައްސަލައެއްދިމާވާ ކޮންމެ ފަހަރެއްގައި ކައުންސިލްގެ މެމްބަރުން ބައްދަލުކޮށް ގޮތް ނިންމުމަކީ ވަރަށް ދަތިވާނެ ކަމެއްކަމުގައިވާތީ، 05 ވަނަ މާއްދާއަށް ބަދަލެއްގެނައުމަށް ފެންނަކަމުގައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވައި މާވަށު ދާއިރާގެ އަޙްމަދު މުޢިއްޒު ތާޢީދުކުރެއްވުމުން މިކަމުގައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު 05 ވަނަ މާއްދާއަށް އަންނަނިވިގޮތަށް އިސްލާހުގެނައުމަށް ހުށަހެޅުނެވެ. "އަމިއްލަ ފަރުދުންނާއި، އަމިއްލަ ކުންފުނިތަކަށް، ދަތުރުކޮށްދެވޭނީ ދަތުރުގެ އަގަށްވާ ފައިސާ  ދަތުރުކުރުމުގެ ކުރިން ދެއްކުމަށްފަހުގައެވެ. މިގޮތަށް ދައްކާފައިސާ ބަލައިގެނެވޭނީ ކައުންސިލް އިދާރާގެ ލެޓަރހެޑްގައި ހެދިފައިވާ ބިލަކަށެވެ. ފައިސާ ބަލައިގަތުމަށްފަހު ކުރެވޭ ދަތުރުގައި ލާންޗަށް ގެއްލުމެއް ލިބި ދަތުރު ކުރިއަށްގެންދެވޭގޮތް ނުވެއްޖެހާލަތެއްގައި ދަތުރުގެ ބާކީބައި ފުރިހަމަކުރެވޭނެގޮތް ހަމަޖައްސައިދޭންވާނެއެވެ." މިމާއްދާ މިގޮތަށް ފާސްކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެއްސެވުމުން 06 މެމްބަރުންނަށް ފެންނަކަމަށް ވޯޓްދެއްވުމުން 05 ވަނަ މާއްދާ އެގޮތަށް އިސްލާހުކުރުމަށް ފާސްކުރެވުނެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު" އަދި " ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު" މިގޮތަށް އޮތުމުން އެއްމާނައެއް ދޭހަވާކަމަށް އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފް ހުށަހަޅުއްވައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ތާޢީދުކުރެއްވުމުން މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު "ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު" މިދަންނަވާގޮތަށް އިސްލާހުކުރުމަށް ހުށަހެޅުނެވެ. "ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށްދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު". ހުށަހެޅުނުގޮތަށް ރިޔާސަތުން ވޯޓަށް އެއްސެވުމުން 06 މެމްބަރުންނަށް ފެންނަކަމަށް ވޯޓްދެއްވުމުން އެގޮތަށް އިސްލާހުކުރުމަށް ފާސްކުރެވުނެވެ.

"ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު" ގެ 08 ވަނަ މާއްދާގައި ސުކޫލުތަކުގެ ޕީ.ޓީ.އޭ އިން ރާވައިގެން ކުރާ ދަތުރުގެ އަގުން ޑިސްކައުންޓް ދޭއިރު ސަރުކާރުގެ ތަންތަނަށްވެސް ޑިސްކައުންޓް ދިނުމަށް ފެންނަކަމަށް މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަޙުމީ ހުށަހެޅުއްވުމުން ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވީ އެގޮތަށް ޑިސްކައުންޓް ދޭކަމުގައިވާނަމަ ގިނަ ދަތުރުތަކެއް އަމިއްލަ ފަރާތްތަކާއި، އަމިއްލަ ކުންފުނިތަކުން އަދި ސަރުކާރުގެ ތަންތަނުންވެސް ލިބެމުންދާނެކަމަށާއި، ނަމަވެސް މިކަމަކީ ލާންޗް ސެކްޝަން ހަދައިގެން މިސަރަހައްދަށްލިބޭ ހުރިހައިދަތުރުތަކެއް ނެގުމުގެ ބޭނުމުގައި ކުރާކަމެއް ނޫންކަމަށާއި، ސަރުކާރުގެ ތަންތަނަށް ޑިސްކައުންޓް ދިނުމަށް ނުފެންނަކަމަށެވެ. އަދި މިގޮތަށް ޑިސްކައުންޓް ދޭނަމަ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ޑިސްކައުންޓެއްގެ ގޮތުގައި މަދުވެގެން %05 ދިނުމުންވެސް ދަތުރުން ކުރާނެ މާބޮޑު ފައިދާއެއްނެތްކަމުގައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވިއެވެ. ނަމަވެސް ޑިސްކައުންޓްދިނުމުގައި 10,000.00ރ (ދިހަ ހާސް ރުފިޔާ) އަށްވުރެ ބޮޑެތި ދަތުރުތަކުގައި ޑިސްކައުންޓެއް ދިނުމަށް ފެންނަކަމުގައި ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ވިދާޅުވުމުން މާވަށު ދަޢިރާގެ މެމްބަރު މުމްތާޒް ފަޙުމީ ތާޢީދުކުރެއްވިނަމަވެސް މި މައްސަލައިގައި ރިޔާސަތުން ވޯޓަށް އައްސަވައިފައެއް ނުވެއެވެ.

"ލ. އަތޮޅު ކައުންސިލްގެ އިދާރާގެ ލާންޗް ކުއްޔަށް ދޫކުރާފަރާތުން ޢަމަލުކުރަންޖެހޭ ގޮތުގެ ޤަވާއިދު" އަދި " ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާގެ ލާންޗް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ ޤަވާއިދު" ފާސްކުރުމުގެ ކުރިން ލާންޗްގެ ކަންތައް ބެލެހެއްޓި މި އިދާރާގެމުވައްޒަފުންނާއި ބައްދަލުކޮށް އެބޭފުޅުންގެ ޙިޔާލުހޯއްދެވުމަށްފަހު ފާސްކުރެއްވުމަށް ފެންނަކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް ހުށަހެޅުއްވުމުން މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީ އަދި އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދު އެހުށަހެޅުމަށް ތާޢީދުކުރެއްވުމުން، ފޮނަދޫ ދާއިރާގެ މެމްބަރު ޝާޙިން އިސްމާޢީލް ހުށަހެޅުއްވިގޮތަށް ރިޔާސަތުން ވޯޓަށް އައްސަވައި 05 މެމްބަރުންނަށް ފެންނަކަމަށް ވޯޓްދެއްވުމުން ލާންޗްގެ ދަތުރުތައް މީގެ ކުރިން ބެލެހެއްޓެވި  މުވައްޒަފުންނާއި ބައްދަލުކޮށް އެބޭފުޅުން ޙިޔާލުހޯއްދެވުމަށްފަހު ޤަވާއިދު ފާސްކުރުމަށް ފަސްކުރެވުނެވެ. އަދި އަގުތައް ކަނޑައެޅުމަށްޓަކައި މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ނިންމެވީ ޤަވާއިދު އެކުލަވާލިކޮމިޓީން މިހާރުގެ އަގުތައް ދިރާސާކުރުމަށްފަހު ރިޕޯޓާއިއެކު ޖަލްސާއަށް ހުށަހެޅުމަށެވެ.


2-    އިދާރާގެ  މަސައްކަތާއި، މެމްބަރުން  މަސްޢޫލުވާނެ  ދާއިރާތައް ކަނޑައެޅުން.
   

މެމްބަރުން މަސްޢޫލުވާނެ ދާއިރާތައް ކަނޑައެޅުމަށްޓަކައި ކައުންސިލްގެ އިދާރާއިން ސަރުކާރުގެ ވުޒާރާތަކާގުޅިގެން ކުރާމުންގެންދާ މަސައްކަތްތަކާއި، އަދި ކައުންސިލްގެ އިދާރާއިން ކުރަމުންގެންދާ މަސައްކަތްތައް 7 ބަޔަށް ބަހާލާ ކައުންސިލްގެ ރައީސް ތައްޔާރުކުރައްވާފައިވާ ކަރުދާހަށް މެމްބަރުންނަށް އިސްލާހެއް ގެނަންފެނޭތޯ ރިޔާސަތުން އައްސަވައި އިސްލާހެއް އޮތްކަމުގައިވާނަމަ ހުށަހެޅުއްވުމަށް ހުޅުވާލި ފުރުޞަތުގައި އެއްވެސް އިސްލާހެއް އެއްވެސް މެމްބަރަކު ހުށަހަޅުއްވާފައިނުވާތީ ދާއިރާތަކަށް މެމްބަރުން ކަނޑައެޅުމަށް ރިޔާސަތުން ނިންމެވިއެވެ.

ހުށަހެޅިފައިވާ ކަރުދާހުގެ 06 ވަނަ ނަންބަރުގައިވާ މިނިސްޓްރީ އޮފް ފިނޭންސާއި، އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތައް ކައުންސިލްގެ ނައިބްރައީސް މުޙައްމަދު ފާއިދުއާއި ޙަވާލުކުރުމަށް ކައުންސިލްގެ ރައީސް ނިންމަވާފައިވާ ކަމަށާއި، އެއީ މިހާރުވެސް ފައިސާގެ ޗެކްތަކާއި ފައިސާގެ އެންމެހައި ކަންތައްތަކުގައި ސޮއިކުރައްވަމުންދަނީ ރައީސާއި ނައިބްރައީސް އަދި ޒިންމާދާރުވެރިޔާ ކަމަށްވުމުންނެވެ. ދެންއެއަށްފަހު  ކޮންމެ މެމްބަރަކުވެސް އެމެމްބަރަކު މަސްޢޫލުވާނެ ދާއިރާއެއް އަމިއްލަފުޅަށް ނެންގުމަށް ރިޔާސަތުން ފުރުޞަތު ހުޅުވާލެއްވިއެވެ.

ހުށަހެޅިފައިވާ ކަރުދާހުން މެމްބަރުން ނެންގެވި ދާއިރާތައް:

•    މޯލްޑިވްސް ޕޮލިސްސަރވިސްއާއި، ޑިޒާސްޓަރމެނޭޖުމަންޓް، ޑިޕާރޓްމަންޓް އޮފް ޕެނިޓެންސަރީ ، އެޓަރނީޖެނެރަލްގެ އޮފީސް ، މިދާއިރާތަކުގެ އިތުރުން އަތޮޅު ރައްޔިތުންގެ ތަރައްޤީ ފަންޑުން ނަގާފައިވާ ލޯނުތަކުގެ ފައިސާ ހޯދުން، އަތޮޅު ރައްޔިތުންގެ މާލިއްޔަތު މުއްސަދިކުރުމަށް ކުރަންޖެހޭ އެންމެހާ ކަންތައް. މިކަންތައްތައް ބެލެހެއްޓެވުން ޙަވާލުވެވަޑައިގެންނެވީ އިސްދޫ ދާއިރާގެ މެމްބަރު އަޙްމަދު އާސިފެވެ.

•    މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި، ޕްލޭނިންގ އެންޑް ނެޝަނަލް ޑިވެލޮޕްމަންޓްގެ ކަންކަތައްތަކުގެ އިތުރުން އެކިއެކި ދާއިރާތަކުން އަތޮޅުގައި ހިންގަވާ ޕްރޮޖެކްޓްތަކާބެހޭ މަސައްކަތް  ބެލެހެއްޓެވުމާ ޙަވާލުވެވަޑައިގަތީ ގަމު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.

•    މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީއާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން އެކިއެކި ކަންކަމުގައި އަތޮޅަށް ވަޑައިގަންނަވާ ޓީމުތަކާބެހޭ ކަންތައް ތަކާ، އެކިއެކި މުނާސަބަތުތައް ފާހަގަ ކުރުމުގެ މަސައްކަތް ބެލެހެއްޓެވުން ޙަވާލުވެވަޑައިގަތީ މާވަށު ދާއިރާގެ މެމްބަރު އަޙްމަދު މުޢިއްޒުއެވެ.

•    މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއާއި، ހޯމްއެފެއާޒް އަދި ޔޫތް އެންޑް ސްޕޯޓްސްގެ އިތުރުން ގޮއިފާލައްބަ ހިންނަފަދަ ތަންތަން ބެލެހެއްޓުން މިކަންތައްތައް ބެލެހެއްޓެވުން ޙަވާލުވެވަޑައިގަތީ މާވަށު ދާއިރާގެ މެމްބަރު މުމްތާޒް ފަހުމީއެވެ.

•    ޕަބްލިކްވަރކްސްއާއި، ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން އަތޮޅުއޮފީހާއި ރަށުއޮފީސްތަކުގައި ބޭނުންކުރެވޭ ވެހިކަލްތަކުގެ ތެރެއިން ޤަވާއިދުން ރަޖިސްޓްރީ ކުރަންޖެހޭ ތަކެތި ރަޖިސްޓްރީ ކުރުމާއި، ލައިސަންސްފީ އާއި އަހަރީފީ އާއި ކުލި ދެއްކުން މިކަންތައްތައް ބެލެހެއްޓެވުން ޙަވާލުވެ ވަޑައިގަތީ ފޮނަދޫ ދާއިރާގެ މެމްބަރު ޝާހީން އިސްމާޢީލް.

•    މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ނެޝަނަލް ރަޖިސްޓްރޭޝަން އަދި އެޑިޔުކޭޝަން މިނިސްޓްރީގެ އިތުރުން ޖަލްސާ ވޯކުޝޮޕް ފަދަ ކަންތައް އިންތިޒާމު ކުރުމުގެ ކަންތައް ބެލެހެއްޓެވުން ޙަވާލުވެވަޑައިގެންނެވީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަމީދެވެ.

3-    އަތޮޅު ކައުންސިލްގެ 05 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

4-    އަތޮޅު ކައުންސިލްގެ 06 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

5-    އަތޮޅު ކައުންސިލްގެ 07 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.


ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ގެންނަންފެނޭތޯ ރިޔާސަތުން އެއްސެވުމުން އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިބި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ.

މަޢުލޫމާތު ހިއްސާކުރެވުނު ކަންތައްތައް:

1-    ކައުންސިލްގެ އިދާރާގެ ކުޅިވަރު ފެންޑާގައި ހުރި ކީރިތިޤުރުއާނުގެ ދިވެހިތަރުޖަމާތަކާ މެދު ޢަމަލުކުރާނެ ގޮތެއް އަންގަވައިދެއްވުމަށް އިސްލާމިކް އެފެއާޒަށް ހުށަހެޅިމައްސަލައިގާ އިސްލާމިކް އެފެއާޒުން މަޝްވަރާދެއްވާފައިވަނީ  ބޭނުންފުޅުވާ ފަރާތްތަކަށް ތަރުޖަމާ ބެހުމަށެވެ. މި އިދާރާއިން ފޮނުވި މެސެޖަށް ލިޔުމުން ޖަވާބް ލިބުމުން ތަރުޖަމާ ބޭނުންފުޅުވާ ފަރާތްތަކަށް ތަރުޖަމާ ބެހުމަށް ނިންމެވިއެވެ.

2-    ކައުންސިލް އިދާރާގެ އޮނިގަނޑު ސިވިލްސަރވިސް ކޮމިޝަނުން އެކުލަވާލާފައިވާތީ، އެކަމާބެހޭގޮތުން މުވައްޒަފުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމުގައި އަޅުގަނޑު ދެންނެވީމެވެ.

3-    އަތޮޅުކައުންސިލް އިދާރާގެ ތަކެއްޗާއިބެހޭގޮތުން ގޮތެއްނިންމުމަށްޓަކައި އެމައްސަލަ މިހާރު ކޯޓަށް ހުށަހަޅުއްވާފައިވާނޭކަމަށް އަޅުގަނޑު ދެންނެވީމެވެ.

4-    އަތޮޅު ޤުރުޢާން މުބާރާތުގައި މިއަތޮޅުގެ ރަށްރަށުން ބައިވެރިކުރާ ކުދިންގެ ނަންތައް މިހިނގާ އޭޕްރީލް 10 ގެ ކުރިން ފޮނުއްވައިދިނުމަށް އެދިފައިވާނޭކަމުގައި މެމްބަރުންގެ މަޢުލޫމާތަށްޓަކައި އަޅުގަނޑު ދެންނެވީމެވެ.

5-    މީޑިއާއަށް މަޢުލޫމާތުދޭނޭ ފަރާތެއް ކަނޑައެޅުމުގެ މުހިންމުކަމާއިބެހޭގޮތުން މަޝްވަރާކުރެވުމުން ދެންއޮންނަ ބައްދަލުވުމަށް އެމައްސަލަ އެޖެންޑާކޮށްގެން ކުރިއަށްގެންދިޔުމަށް ނިންމެވީމެވެ.



                                           އިބްރާހީމް އަނީސް
                                            ކައުންސިލްގެ ރައީސް

 ކައުންސިލްގެ މެމްބަރުން


•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު (ނައިބްރައީސް)    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ    •   

•    ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް    •   

•    މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު    •   

•    ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އިބްރާހިމް ހަމީދު    •   

އިސްދޫދާއިރާގެ މެމްބަރ    އަލްފާޟިލް އަޙްމަދު އާޞިފް    •   

ފާހާނާ ތައްޓަށް ވުރެ ގިނައިން, ސްމާޓް ފޯނާއި, ޓެބްލެޓް ގައި ޖަރާސީމް ހުރޭ, މިކަން އެނގެނީ ކިތައް މީހުންނަށްބާ؟

ޖަރާސީމު އެންމެ ގިނަ ވަނީ ކޮންތަނަކުހޭ އަހާލައިފިނަމަ ކޮންމެ މީހަކުވެސް ދޭނެ ޖަވާބަކަށް ވަނީ އެއީ ފާހާނާތަށި ކަމަށެވެ. ނަމަވެސް މިހާރު އެކަން އޮތީ އެހެންނެއް ނޫނެވެ. އެންމެ ގިނަ ޖަރާސީމް ހުންނަ ކަމަށް މިވަނީ އެންމެ ގިނަ މީހުން ބޭނުން ކުރަމުން އަންނަ އަދި ބޭނުންވާ ސްމާޓް ފޯނާއި ޓެބްލެޓްގަ އެވެ.

ޓަޗް ސްކްރީން ލާފައި ހުންނަ ފޯނާއި ޓެބްލެޓް ގައި ފާހަނާތައްޓަށް ވުރެ 20 ގުނަ އިތުރަށް ޖަރާސީމް ހުންނަ ކަމަށް "ކަންޒިއުމާ ޔޫޒާ ވިޗް" އިން ކޮށްފައިވާ ދިރާސާއަކުން ވަނީ އެނގިފަ އެވެ. އެ ދިރާސާއަށް ފަހު އާއްމުކުރި ރިޕޯޓްގައި ވަނީ ޖަރާސީމް ފޯނާއި ޓެބްލެޓްގައި ޖަޒާސީމު އަށަގަންނަން މެދުވެރިވަނީ އަތް ނުދޮވެ ކޮންމެ ފަހަރަކު ފޯނު ބޭނުން ކުރާތީ ކަމަށެވެ.

ފޯނު "ސްވައިޕް" ކުރާ ކޮންމެ ފަހަރަކު "ސްޓެޕިކޯލޯކަސް އޯރިއަސް" ނަމަކަށް ކިޔާ ބެކްޓީރިއާގެ 600 ޔުނިޓް ފޯނުގައި ހިފާ ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. އަދި މިޖަރާސީމްގެ ސަބަބުން ހޮޑު ލުމާއި ބޭރަށްހިންގުން ފަދަ ބަލިތައް ޖެހެން މެދުވެރިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

އާންމު ގޮތެއްގައި ފާހާނާ ތައްޓެއްގައި "އެންޓަރޯބެކްޓީރިއާ" ޖަރާސީމް 10 ޔުނިޓަށް ވުރެ މަދުން ހުންނަ އިރު ކޮންމެ 30 ޓެބްލެޓް އަކުން އަށް ޓެބްލެޓް އެއްގައި އަދި ކޮންމެ 30 ޓަޗް ފޯނަކުން ހަތް ފޯނެއްގައި "އެންޓަރޯބެކްޓީރިއާ" ޖަރާސީމް 1000 ޔުނިޓް އަށް ބުރެ ގިނައިން ހުންނަ ކަން އެ ދިރާސާއިން ވަނީ އެނގިފައެވެ.

ދިރާސާގައި ބޭނުންކުރި ޓެބްލެޓްތަކުގެ ތެރެއިން ޖަރާސީމު އެންމެ ގިނައިން ހުރި ޓެބްލެޓް ގައި 15000 ވުރެ ގިނަ ޖަރާސިމް ހުރި ކަމަށް ވިޗް އިން ބުނެފައިވެ އެވެ.

ކަންޒިއުމާ ޔޫޒާ ވިޗްގެ އެޑިޓަރު ރިޗާޑް ބުނެފައި ވަނީ އެހާ ގިނަ ޖަރާސީމް ޓެބްލެޓް އަދި ފޯނުގައި ހުންނަން މެދުވެރިވަނީ އަތް ނުދޮވެ ބޭނުން ކުރާތީ އެވެ. އަދި މިކަމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ޖެހޭތީ ޖަރާސީމް ތަކުން ސަލާމަތް ވުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

" ސްމާޓް ފޮނު އަދި ޓެބްލެޓް ގައި ފާހާނާ ތަށްޓައް ވުރެ ގިނައިން ޖަރާސީމް ހުރުމަކީ ވަރަށް ބޮޑަށް ހައިރާންވާ ކަމެއް. ސްމާޓް ފޯނާއި ތެބްލެޓްތައް ގަވާއިދުން ސާފުކުރެވެން ވާނެ. އަދި ޖެހިދާނެ ނުރައްކާތެރި ބަލި ތަކުން ސަލާމަތް ވުމަށް މިކަންކަމަށް ސަމާލުވާން ޖެހޭނެ،" ވިޗްގެ އެޑިޓާ ރިޗާޑް ބުނެފައިވެ އެވެ

ލ. އަތޮޅު ކައުންސިލްގެ ޔައުމިއްޔާ 7

`
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
           ފޮނަދޫ
         ދިވެހިރާއްޖެ. 

28 މާރޗް 2011 ގައިބޭއްވުނު އަތޮޅުކައުންސިލްގެ ހަތްވަނަ ޖަލްސާގެ ޔައުމިއްޔާ

2011 މާރޗް 28 ވީ ހޯމަ ދުވަހު ހެނދުނު 09:00 ގައި އަތޮޅު ކައުންސިލްގެ ހަތްވަނަ ޖަލްސާ އަތޮޅުއޮފީހުގެ ޖަލްސާކުރާމާލަމުގައި ބޭއްވުނެވެ. މި ޖަލްސާގެ ރިޔާސަތު ބެލެހެއްޓީ އަޅުގަނޑެވެ. އަތޮޅު ކައުންސިލް ގައި ތިއްބެވި 7 މެމްބަރުންވެސް ޖަލްސާއަށް ޙާޟިރުވެ ވަޑައިގެން ތިއްބެވުމާއެކު  ޖަލްސާ ފެށުމުގެ ގޮތުން ޖަލްސާގެ ޙާޟިރީއާ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް އިއްވުމަށްފަހު އެއްވެސް އިސްލާޙަކާ ނުލާ މެމްބަރުންގެ އިއްތިފާގުން އެޖެންޑާ ފާސްކޮށް  އެޖެންޑާގައިވާގޮތުގެމަތިން ކުރިއަށްގެންދެވުނެވެ. 09:00 ގައި ފެށުނު މި ޖަލްސާ  ނިމުނީ 10:40 ގައެވެ . ޖަލްސާގެ ސެކްރެޓޭރިއެޓް ބެލެހެއްޓީ އ.އެޑްމިނިސްޓްރޭޓިވް އޮފިސަރ މޫނިސާ ޖައުހަރީ އެވެ.
ޖަލްސާއަށް ހުށަހެޅުނު މައްސަލަތަކާއި ނިންމުނުގޮތް
މި ޖަލްސާއަށް އެޖެންޑާ ކުރެވިފައިވަނީ 2 މައްސަލައެވެ.
1.               އަތޮޅު ކައުންސިލްގެ ބަޖެޓްފާސްކުރުން.
            
އަތޮޅު ކައުންސިލްގެ އިދާރާއަށް މިއަހަރަށް ފިނޭންސް މިނިސްޓްރީން ދެއްވާފައިވާ ބަޖެޓް ފާސްކުރުމަށްޓަކައި ބަޖެޓާބެހޭ ގޮތުން ބައެއް މަޢުލޫމާތު މެމްބަރުންނަށް އެރުވުމަށްފަހު އިސްލާހެއް އޮތްނަމަ ހުށަހެޅުއްވުމަށް މެމްބަރުންނަށް ފުރުޞަތު އެރުވުމުން ހުރިހާމެމްބަރުންވެސް މަޝްވަރާކުރެއްވުމަށްފަހު އިއްތިފާޤުވީ މިބަޖެޓަކީ އަތޮޅު ކައުންސިލަށް މިއަހަރަށް ސަރުކާރުން ކަނޑައެޅުއްވި ބަޖެޓްކަމަށްވުމާއެކު އެކި އެކި އައިޓަމްތަކުގައި ހުރިފައިސާ އެއް އައިޓަމުން ފައިސާ ހުސްވުމުން އަނެއް އައިޓަމަށް ބަދަލުކުރުމަކީ ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި ކުރެވިދާނެކަމަކަށްވާތީ  އެއްވެސް އިސްލާޙަކާ ނުލާ މިބަޖެޓް ފާސްކުރުމަށެވެ. އެހެންކަމުން ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާޤުން އަތޮޅު ކައުންސިލްގެ ބަޖެޓް ފާސްކުރެއްވިއެވެ.


2.               ލޯންޗް ބޭނުންކުރުމުގެ ޤަވާޢިދު ފާސްކުރުން.
ކައުންސިލްގެ އިދާރާގެ ލޯންޗް ކުއްޔަށްދިނުމުގައި ޢަމަލު ކުރުމަށް އެކުލަވާލި ޤަވާއިދު މި ޖަލްސާގައި ފާސްކުރެވޭވަރަށްވުރެ ގިނައިން އިސްލާޙް ކުރަންޖެހޭ ކަންތައް ހުރުމާއެކު ދެން އޮންނަ ޖަލްސާއެއްގައި އެޤަވާޢިދު ފާސްކުރުމަށްޓަކައި އަލުން އެޤަވާޢިދު ރިވިޔުކުރުމަށް ހުރިހާމެމްބަރުންގެ އިއްތިފާޤުން ފާސްކުރެވުނެވެ. އަދި އެ ޤަވާޢިދު އެކުލަވާލުމަށްޓަކައި ކޮމިޓީ އެކުލަވާލެވިފައިވަނީ އިސްދޫ ދާއިރާގެ ދެމެމްބަރުން  ހުވާކުރެއްވުމުގެ ކުރިން ކަމަށްވުމާއެކު އެދާއިރާގެ ބޭފުޅަކުވެސް ކޮމިޓީއަށް އިތުރު ކުރުމަށް ފެންނާތީ އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދު ކޮމިޓީއަށް އިތުރު ކުރެއްވުމަށް މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު ހުށަހެޅުއްވި އެވެ. އެ ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެމްބަރު މުމްތާޒު ފަހުމީ ތާޢިދު ކުރެއްވިއެވެ. މިހުށަހެޅުއްވުމަށް ވޯޓަށް އެހުމުން ހުރިހާމެމްބަރުންގެ އިއްތިފާޤުން ކައުންސިލްގެ ލޯންޗް ބޭނުންކުރުމުގެ ޤަވާޢިދު އެކުލަވާލާ ކޮމިޓީއަށް އިސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޙަމީދު އައްޔަން ކުރެވުނެވެ.

3.                    ކައުންސިލް އިދާރާގެ ކުޅިވަރު ފެންޑާގައި ހުރި ޚަތިމްތަކާމެދު ޢަމަލު ކުރާނެ ގޮތެއް ނިންމުން. ( މިމައްސަލަ އެޖެންޑާކުރުމަށް އެދި ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު )

މިއިދާރާގެ ފެންޑާގައި  ބަހައްޓާފައިހުރި ޚަތިމް ތަކަކީ އެއާ އެކަށީގެންވާ ގޮތަށްވުރެ އިހާނެތިކޮށް ބެހެއްޓިފައިވާ އެއްޗަކަށް ވާތީ އަދި އެޚަތިމްތައް އެތާ ހުންނަތާ މިހާރުވެސް ގިނަދުވަސްތަކެއްވެފައިވާތީ އެ ޚަތިމްތައް ރަށްރަށަށް ބެހުމާމެދު މެމްބަރުންނަށް ފެންނަ ގޮތަކާމެދު މަޝްވަރާކުރެވުނެވެ. ޚަތިމްތަކަކީ ކުށް ލިޔެވިފައި ހުރުމުން އެ ރަށްރަށަށް ނުބެހުމަށް އިސްލާމިކް އެފެއާޒުން އަންގަވައިގެން ބަހައްޓާފައި ހުރިއެއްޗަކަށްވުމާއެކު އިސްލާމިކް އެފެއާޒަށް ލިޔެ އެބޭފުޅުންގެ ބަހެއް ހޯދުމަށްފަހުގައި ނޫނީ ރަށްރަށަށް ބެހުމަށް ނުފެނަކަމުގައި ގަމުދާއިރާގެ މެމްބަރ މުޙައްމަދު ފާއިދު ހުށަހެޅުއްވުމުން މިހުށަހެޅުއްވުމަށް ހުރިހާމެމްބަރުންވެސް ތާއީދު ކޮށް މިމައްސަލަ ދެން އޮންނަ ޖަލްސާއެއްގައި މަޢުލޫމާތު އޮޅުން ފިލުވުމަށްފަހު ހުށަހެޅުމަށް ފަސްކުރެވުނެވެ. އަދި އިސްލާމިކް އެފެއާޒުން ޚަތިމްތައް ބެހުމަށް ހުއްދަލިބިއްޖެނަމަ ނޮވެލްޓީ ބުކްޝޮޕުން ދޫކުރާ ޚަތިމްތަކުގައި ހުރި ކުއްތައް ފާހަގަކޮށް އެ އިސްލާޙް ކުރެވިފައިވާ ލިޔުން ހޯދާ އެއާއެކު ބެހުމަށް ނިންމާ މިގޮތަށް ހުރިހާމެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވިއެވެ.
                                                                                                                                         
4.                    ގާދޫ މީހުންގެ ތެރެއިން އެހެންރަށަކަށް ދިރިއުޅުން ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ފަހިކޮށްދިނުން. ( މިމައްސަލަ އެޖެންޑާކުރުމަށް އެދި ހުށަހަޅުއްވާފައިވަނީ މާވަށު ދާއިރާގެ މެމްބަރު އަޙުމަދު މުޢިއްޒު )

ގާދޫއާއި މުންޑޫ އަކީ މަދު މީސްކޮޅެއް ދިރިއުޅޭ ރަށްރަށަށް ވުމާއެކު އަދި މިހާރުވެސް ގާދޫ މީހުންގެ ތެރެއިން ގިނަ ބަޔަކު ފޮނަދޫއަށް ދިރިއުޅުން ބަދަލުކޮށްފައިވާތީއާއި ، އެރަށުގައިތިބި މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރުވެސް ފޮނަދޫން ގޯތި ހޯދުމަށްއެދި ފޯމު ހުށަހަޅާފައިވާތީއާއި ، ފޯމު ހުށަނާޅާ ތިބި މީހުންގެތެރޭގައިވެސް ބަދަލުވުމަށް ބޭނުންވެ އެކަމުގެ ޝައުޤުވެރިކަން ހުރި ގިނަފަރާތްތަކެއް ތިބިކަން ފާހަގަކުރެވޭތީ ރަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މަގުފަހިކޮށްދިނުމަށްޓަކައި އަތޮޅު ކައުންސިލަށް ފޯރުކޮށްދެވޭނީ ކޮންކަހަލަ އެހީތެރިކަމެއްތޯ މެމްބަރުންގެ މެދުގައި މަޝްވަރާކުރެވުނެވެ. އެއްފަސްކުރުމުގެ ސިޔާސަތަކީ ސަރުކާރުގެ ސިޔާސަތަށްވުމާއެކު ސަރުކާރުގެ ކަމާބެހޭ  މިނިސްޓްރީއާ ވާހަކަދައްކައިގެން އެބޭފުޅުންނަށް ވެދެވޭނީ ކޮންކަންތައް ތަކެއްތޯ އޮޅުންފިލުވުމަކީ މުހިންމު ކަމެއްކަމުގައި މެމްބަރުން ފާހަގަކުރެއވިއެވެ.  ހުރިހާމެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވީ ގާދޫގެ މީހުންނާ ބައްދަލުކޮށް ރަށް ބަދަލުވުމަށް އެދޭފަރާތްތަކުން އެކަމަށްއެދި ހުށަހެޅުމަށް އެންގުމަށްފަހު ފޮނަދޫ ކައުންސިލާއި، ގަމުގެ ކައުންސިލާ ބައްދަލުކޮށް މިކަމުގައި މަޝްވަރާކުރުމަށެވެ. 

5.               އަތޮޅު ކައުންސިލްގެ ހަތަރުވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާ މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ

                                                                                                                                    
6.               17 މާރޗް 2011 ގައި ބޭއްވުނު ކުއްލި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާ މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ

7.               20 މާރޗް 2011 ގައި ބޭއްވުނު ކުއްލި ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން.

ޔައުމިއްޔާ މެންބަރުންނަށް ހުށަހަޅާ އިސްލާހެއް އޮތްތޯއެހުނެވެ. ޔައުމިއްޔާއަށް އެއްވެސް އިސްލާހެއް ހުށަނޭޅި ހާޟިރުވެތިއްބެވި މެންބަރުންގެ އިއްތިފާގުން ޔައުމިއްޔާ ފާސްކުރެވުނެވެ

                                          އިބްރާހީމް އަނީސް
                                         ކައުންސިލްގެ ރައީސް

  ކައުންސިލްގެ މެމްބަރުން


·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ފާއިދު
·         

·        އިސްދޫ ދާއިރާގެ މެމްބަރ   އަލްފާޟިލް އިބްރާހީމް ޙަމީދު
·         

·        އިސްދޫ ދާއިރާގެ މެމްބަރ   އަލްފާޟިލް އަޙުމަދު އާޞިފް
·         

·        ގަމުދާއިރާގެ މެމްބަރ      އަލްފާޟިލް މުޙައްމަދު ރަޝީދު
·         

·        ފޮނަދޫ ދާއިރާގެ މެމްބަރ    އަލްފާޟިލް ޝާހީން އިސްމާޢީލް
·         
މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް މުމްތާޒު ފަހުމީ
·         
މާވަށު ދާއިރާގެ މެމްބަރ    އަލްފާޟިލް އަޙުމަދު މުއިއްޒު
·         

 
Supported by : LaNews
Copyright © 2008-2013. އިސްދޫ ލައިވް - All Rights Reserved
Template Created by LaNews